މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން

 

 

                 މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްބީސީ) އަކީ ދިވެހިރާއްޖޭގައި ޕަބްލިކް ސާރވިސް ބްރޯކާސްޓިންގެ ޚިދުމަތްދިނުމަށް ޤާނޫނޫ ނަމްބަރ 6/2010 ން އުފައްދާފައިވާ ކޯޕަރޭޝަނެކެވެ.

                 މިއީ ރައްޔިތުންގެ ލާބަޔާއި މަންފާއާއި މަސްތަޙަތައްޓަކައި، ރައްޔިތުންނަށް ކަންކަން އަންގައި ދިނުމާއި، ކަންކަން އުނގަންނައި ދިނުމާއި، ރައްޔިތުން މުނިފޫހި ފިލުވައި ދިނުމާއި، ނުފޫޒުން އެއްކިބާ ވެގެންވާ، ފޭރާންހެޔޮ، ޒިންމާ އުފުލަނިވި މިނިވަން ބްރޯޑްކާސްޓިންގ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ޤާއިމް ކުރެވިފައިވާ ދައުލަތުގެ މިނިވަން މުޢައްސަސާ އެކެވެ. މިކޯޕަރޭޝަން އުފެދިފައި ވަނީ ރާއްޖޭގައި ބްރޯޑްކާސްޓް ކުރަން ފެށިތާ 48 އަހަރު ފަހުންނެވެ.

                 މި ކޯޕަރޭޝަން އުފެދުމާ ގުޅިގެން ސަރުކާރުން ހިންގަމުން އައި ސަރުކާރުގެ ރަސްމީ ރޭޑިއޯ، ދިވެހި ރާއްޖޭ އަޑާއި އަޑުގެ ދަށުން ހިންގާ އެހެނިހެން ރޭޑިއޯ ސްޓޭޝަންތައް އަދި  ދައުލަތުގެ ރަސްމީ ޓީވީ ޗެނަލް ޓެލެވިޜަން މޯލްޑިވްސް އާއި އެ ދެމުއައްޞަސާގެ ހުރިހާ މުވައްޒަފުންނާއި ހުރިހާ އެސެޓެއް ޤާނޫނީގޮތުން މިކޯޕްރޭޝަނަށް ބަދަލުވެއެވެ. ނަމަވެސް މި ދެ މުއައްޞަސާ މިކޯޕަރޭޝަން އާއި ހަވާލްވެފައި ވަނީ 14 ފެބްރުއަރީ 2012 ގައެވެ. އެއީ އެމްބީސީގެ ޤާނޫނު ގެޒެޓް ކުރެވުނުތާ 2 އަހަރުވާން ކައިރި ވެފައި ވަނިކޮށެވެ.

                 އެމްބީސީން ޓީވީ މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑު އަދި ދިވެހި އެފްއެމް ހިންގަން ފެށުމާ ގުޅިގެން ޤަނޫނުގައި ބުނާ ގޮތަށް ޕަބްލިކްސަރވިސް ބްރޯޑްކާސްޓިންގ ގެ ޚިދުމަތް ދިނުމަށް ޓަކައި އާ މެނޭޖްމަންޓް އެކުލަވާލާ ޚިދުމަތްދޭން ފެށުނެވެ.